ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުސައިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް ސަނީ އުމަރުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުންނެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީ އޮފީހުން ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކުރީ އެ މައްސަލަ ބަލަމުން ދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުތަކުން ހަރުކަށި އަދަބު ކަނޑައެޅި އަދި މައްސަލަ ބަލާ ނިންމުން އަވަސްކުރުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާއެއްގެ މައްޗަށް ލާޒިމްކުރާ ކުށެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


