އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް ގެންނަ އުޅަނދު ޤަވައިދާ ޚިލާފަށް ބޭނުން ކުރަމުންދާނަމަ އެކަމަށް ފިޔަވަޅު އަޅާ ޑިއުޓީ ނަގާނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކިއެކި މަޝްރޫޢުތަކަށް ހާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، ދިވެހިރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫޢެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ ގަވާއިދާ ޚިލާފަށް އުޅަނދު ބޭނުންކުރަމުންދާނަމަ، އެއުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، އެފަރާތްތަކުގެ މައްސަލަ ބަލާނެކަމަށެވެ.
އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މާދަމާއިން ފެށިގެން ކުރިއަށްގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ބަދަލު ގެނެސްފައި މިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކާގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެކިއެކި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


