ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި މިހާރު ނައިޓް ލޭންޑިން ފެސިލިޓީ ގާއިމުވެއްޖެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ށ. ފުނަދޫ އެއާޕޯޓެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާއެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް މިހާރު ރޭގަނޑު ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދާއި އެއްބާރުލުމާއެކު މި ލަނޑުދަނޑި ހާސިލުކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް. އެމަނިކުފާނުގެ މެދުނުކެނޑި ދެއްވި އިރުޝާދާއި އެހީތެރިކަމާއެކު މިކަން މިވަނީ ހާސިލުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


