ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީކަން އެކަމަނާގެ ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާއި، ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ، 80 އަހަރެވެ.
ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި އެކަމަނާ އަވަހާރަވީއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ.
ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި ދާދިފަހުން ވެރިކަމުން ވައްޓާލި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ޚާލިދާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އެކުށުގައި 2018 ވަނަ އަހަރު އޭނާ ޖަލަށްލިއެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމަށް އޭނާއަށް ހުއްދައެއް ނުލިބުނެވެ. ޖަލުން ދޫކޮށްލީ މިދިޔަ އަހަރު، ހަސީނާގެ ވެރިކަން ވެއްޓުމުންނެވެ.
1991 ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާފައިވާ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބުގައި ކާމިޔާބީ ހޯއްދެވީ، ޚާލިދާއެވެ. އެ ކާމިޔާބީއާ އެކު, ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަޤާމު ޚާލިދާއަށް ލިބިވަޑައިގަތެވެ. އެ އިންތިޚާބުގެ ކާމިޔާބީއަށްފަހު ޚާލިދާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު, ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ.
1945 ވަނަ އަހަރު އުފަންވެ ވަޑައިގަތް ޚާލިދާގެ އެންމެފަހު ދުވަސްކޮޅު ގެންދެވީ، ފުރަމެއާއި ހިތުގެ އާލާސްކަންފުޅެއްގެ އިތުރުން ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


