ސްކޫލް ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި ހިނގާ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިންމު ކަމާބެހޭ ގޮތުންވެސް މަޢުލޫމާތު ދެމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 އިން 2026 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިއީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




