ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިޢުލާނެއްގައި ވިދާޅުވި އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާކަމަށެވެ.
ގަރާޖާ ގުޅިގެން މިހާތަނަށް ތިން ލިޔުމެއް ހުށަހަޅަން އޮތީ ލާޒިމުކޮށްފައެވެ. އެއީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދައިގެ އިތުރުން ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަންއެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
މި ބަދަލު ގެނެސްފައިވަނީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި އަދި އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް، ފަސޭހަ ކުރުމަށްކަމަށެވެ.
އެމިނިސްޓްރީން ބުނީ 2009ވަނަ އަހަރުން ފެށިގެން ގަރާޖު ލާޒިމް ކުރުމުގެ ކުރިން ގެނެސްފައިވާ އުޅަނދުތަކާއި ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވޭތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިހާރު މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އެފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ހުށަހަޅަންޖެހޭ ލިޔުންތަކަށް ބަދަލު ގެނައި ނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ގަރާޖުގެ ވެރިފަރާތުގެ ރުހުން އޮތްތޯ ބެލުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އަންނަ އަހަރުން ފެށިގެން އަހަރީ ފީތަކާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރެވޭގޮތްވެސް ހަދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


