މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ޤައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކޮށްފިއެވެ. މި ސްޓެރެޓެޖީތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބާރސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތު ސަރުކާރުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިންނާއި، މާލީ އިދާރާތަކުގެ ވެރިންނާއި، އެމްއެމްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.
މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާހު ކުރެވިގެން މި ދެ ސްޓްރެޓެޖީތަކަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްޤީކޮށް އިތުރުށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މި ސްޓްރެޓެޖީތަކާއެކު، އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްޤީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެއެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ޚިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ. އެގޮތުން، އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފައެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




