މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ ރަނގަޅުވެ މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ ހޯމަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ބުނެފިއެވެ،
މިއަދާއި މާދަމާވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވި ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ގަޑިއަކު 13 މޭލާއި، 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރަ ކަަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ މި ދަނޑިވަޅުގައި ސަމާލުވެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށާއި ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ޢިލްތިމާސްކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




