މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ހެކިބަސް ނަގާ ނިމުމުން ބަންދުން ދޫކޮށްލަން އެދޭގޮތަށް، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް މި މައްސަލާގައި ބަންދު މުރާޖައާ އަޑުއެހުމެއް މިއަދު ބާއްވާފައިވަނީ، ޝަމްއާންގެ ފަރާތުން ބަންދުން ދޫކޮށްލަން އެދިފައިވާތީ އެވެ. ޝަރީއަތް ނިމެންދެން ބަންދުުން ދޫކޮށްލަން އޭނާގެ ފަރާތުން އެދިފައިވަނީ، އިމިގްރޭޝަންގެ އޮފިސަރުންގެ ހެކިބަސް ނަގާ މިހާރު ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ޝަރީއަތް ނިމެންދެން އޭރު ބަންދުކުރި ހާލަތު މިހާރު ނެތުމުން ކަމަށް ބުނެ އެވެ.
ނަމަވެސް ދައުލަތުން ބުނީ، އެ މައްސަލާގައި އިމިގްރޭޝަނަށް ގެންދިޔަ ބިދޭސީމީހާއާ އަދި އިތުރު އޮފިސަރެއްގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އޮތުމުން، އެހާތަނަށް ވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތު ދެމި އޮންނާނެ ކަމަށެވެ. އަދި، ހެކިބަސް ނަގާ ނިމުމުން ދައުލަތުން އިސްވެ ބަންދުން ދޫކޮށްލަން އެދޭނެ ކަމަށާއި އެހެންކަމުން، އެހާތަނަށް ބަންދު ދަމަހައްޓައިދޭން އެދުނެވެ.
މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހްސާން މިއަދު ނިންމެވީ، ހެކިބަސް ނަގާ ނިމުމުން ބަންދާމެދު ގޮތެއް ނިންމާގޮތަށް މިވަގުތަށް ބަންދު ދެމެހެއްޓުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




