އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާ އެވެ. އަދި އިންޑިއާ އިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖް އެވެ. މި ބައްދަލުވުމުގައި ރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމުގައި، ދެޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު އެވެ. އަދި، ދެ ޤައުމުން ވަނީ މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފަ އެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ޤާއިމްކުރެވުނީ ދެޤައުމުގެ ކޮންސިއުލަރ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލަރ ކަންކަމުގެ ޤާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލަރ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރެވެ. މިގޮތުން، ކޮންސިއުލަރ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިފައި ވަނީ 2018 ވަނަ އަހަރު މާލޭގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




