އިންޑިއަން އާމީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން"ގެ 14ވަނަ އެޑިޝަން، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން"ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 2އިން 16އަށް، 14 ދުވަހުގެ މުއްދަތަށް އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވިއެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް، ޓްރޭނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.
މި އެކްސަސައިޒްގެ ތެރެއިން، ޑިސެންބަރު 13 އަދި 14ގައި ކުރިއަށްގެންދިޔަ ވެލިޑޭޝަން އެކްސަސައިޒްގައި ރެއިޑަކާއި ސީއޭއެސްއޯ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ޑްރޯން ފަދަ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައި ވެއެވެ.
މި އެކްސަސައިޒްގެ ވެލިޑޭޝަން އެކްސަސައިޒް ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކާނަލް އަމާނުﷲ އަޙްމަދު ރަޝީދާއި، އެމްއެންޑީއެފް މެރިން ކޯރ ޓްރޭނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ އިބްރާހީމް ޝާހިދާއި، އެމްއެންޑީއެފް މެރިން ކޯރގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3ގެ ކޮމާންޑަރ، ކެޕްޓަން ފަތުޙުﷲ އަޤީލް ވަޑައިގަންނަވާފައި ވެއެވެ. އަދި ޑިސެންބަރު 15ވަނަ ދުވަހު ބޭއްވި "އެކްސަސައިޒް އެކުވެރިން" ނިންމުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ދެމެދުގައި ވަނީ މެމެންޓޯސް ބަދަލުކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



