ނުޤަވާޢިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް، 2 ހަފުތާ ތެރޭގައި ބަންދުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.
ޢިމާދުއްދީން ސްކޫލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންނާއެކު ކުރިއަށްގެންދެވުނު މިފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ޙިއްސާކުރެވިދިޔަ ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލައަކީ މިރޭގެ ބައްދަލުވުމުގައިވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލައަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތު ތަކުރާރުކުރައްވާފައެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވާން އޮތް ފުރުޞަތުތައް ބަންދުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރުގަދަ ކުރައްވާފައިވާއިރު، ނުޤަވާޢިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް، 2 ހަފުތާ ތެރޭގައި ބަންދުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކޮންމެ ރައްޔިތަކު އެދިލައްވާ ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޮށްދެއްވާނެކަމަށާ، ކުރެވެމުންދާ ކަންކަމަށްވެސް ވަކީން ބޮޑު އިސްކަމެއްދެއްވައިގެން އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިކަންކަމުގެ އިތުރުންވެސް ރައްޔިތުން ފާހަގަކުރެއްވި އިތުރު ކަންބޮޑުވުންތަކާއި، ހިއްސާކުރެއްވި ޝުޢޫރުތަކުގެ އަޑުއައްސަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން ގަލޮޅުގެ ރައްޔިތުންގެ އެދިލެއްވުމާ އެއްގޮތަށް، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރެއްވުމުގެ މަސައްކަތް، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޭސްފަރުވާގެ ކަންކަމާއި، ތަޢުލީމީ ދާއިރާގެ އެކި ކަންކަމަށް ހިނގާ ޚަރަދުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން ހުށަހެޅުއްވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ބައްދަލުވުމުގައި ޖަވާބުދާރީވެވަޑައިގެންފައެވެ.
ރައްޔިތުން ހިއްސާކުރައްވާ ކޮންމެ ކަމަކީވެސް މުހިންމު ކަމެއްކަމަށާ، މިއިން ކޮންމެ ކަމަކަށް މި ބައްދަލުކުރެއްވުމުގައި ޖަވާބުދާރީވެވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ ކަމަކީވެސް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިރޭގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއިން ކޮންމެ ކަމެއްވެސް، ވީ އެންމެ ރަނގަޅަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ތަކުރާރުކޮށްދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




