އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ، ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ.
ޑިސެންބަރު މަހުގެ 12 އިން 14 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް ގައި ކުރިއަށްދާ މި ބައްދަލުވުމުގައި ސަފީރު ގީލާ ދެއްކެވި ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސް.ގެ ސެކްރެޓަރީ ޖެނެރަލް، މޫސާ ސާލެހް-ބަޓްރާކީ އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ އަށް މަރުހަބާ ވިދާޅުވެ އެ ޖަމިއްޔާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ގާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންއެރުވިއެވެ.
އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ 79 ގައުމެއް ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




