ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާއިން ހައްޔަރުކުރި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ބަންދުން ދޫކޮށްލައިފިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މައުރޫފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ކުޑަ އޮޕަރޭޝަނެއް މިރޭ ކޮށްފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މައުރޫފް ފަރުވާ ހޯއްދަމުން ގެންދަނީ ފުލުހުންގެ ބަންދުގައި ހުއްޓާ ދިމާވި ކަމަކުން ނޫންކަމަށެވެ.
ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާތަކާއި ގުޅިގެން މައުރޫފްގެ އިތުރުން އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ. އެ ދެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




