ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި ހައްޔަރުކޮށްފައި ތިބި ދެ ވިޔަފާރިވެރިން ކަމަށްވާ ދިގަލި އަދި އާއްޓޭ ދޫކޮށްލައިފި އެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި މިމަހުގެ 3 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީހަށް މައްސަލައެއް ހުށައަޅައިތާ 15 ދުވަހުގެ ތެރޭގައި ދަޢުވާކުރަން ފޮނުވަންވާނެއެވެ.
ޕީޖީ އޮފީހުން ބުނީ ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި އެ މީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މުރާޖަޢާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމަވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މުޙައްމަދު ވަޙީދާއި އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


