ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމައި، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި ސަރަޙައްދަކީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެވެ. އެމްޓީސީސީން ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަގު ތަރައްޤީކުރަނީ 4 ލޭނަކަށެވެ. އެމްޓީސީސީން މިމަސައްކަތް ފަށަނީ ރޯދައިގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކަނޑައަޅައިގެންނެވެ.
އާދީއްތަ ދުވަހުގެރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްގީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ. މިހާރު ބާޒާރުމަތީގެ ބޮޑު ސަރަޙައްދަކީ އެއްކޮޅަށް ދުއްވޭ ސަރަޙައްދެވެ.
މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމާ އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ލޯކަލް މާރުކޭޓް ސަރަޙާއްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




