ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓޫންތަކެއް މަދުވި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ، މުނައްވަރު އާދަަމް، 39އ، ޝަބުނަމީގެ/ އދ. ދިގުރަށް އެވެ. ފުލުހުން ބުނިގޮތުގައި އޭނާއަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ. މި މައްސަލާގައި އޭނާ މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިރޭ އިތުރަށް ބުނީ، ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުންނަ ސިނގިރޭޓު ކާޓޫންތައް މަދުވާ މައްސަލައެއް ފެންމަތިވީ، އެ ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް މިދިޔަ މަހު ކަސްޓަމްސްއާ ހަވާލުކުރަން ބެލި ބެލުމުގަ އެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބިދޭސީއެއްގެ އަތުން އެ ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 31 ސިނގިރޭޓު ކާޓޫނު ގެއްލިފައިވެ އެވެ. އަދި މިދިޔަ މޭ މަހު ބިދޭސީއެއްގެ އަތުން ހިފެހެއްޓި 32 ސިނގިރޭޓު ކާޓޫންތަކުގެ ތެރެއިން ވެސް، އެ ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި ހަ ސިނގިރޭޓު ކާޓޫން މަދުވެފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


