ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދުވެހި ކުރިއަށްވުރެ ހަލުވި ވެފައިވާ ކަމަށާއި، އެތަނުގައި 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކާ ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހި ކަމާއި ގުޅުންހުރި މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ދަނީ، އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވަމުންނެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




