މާލޭގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި އެެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާ މައްސަލަ ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) އެވެ.
އޭނާވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފަ އެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާކަމަށެވެ.
މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




