ރާއްޖެއިން ލަންކާއަށް ދޭ އެހީގެ އަދަދު2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި މީޑިއާތައް ގުޅިގެން ބޭއްވި ޓީވީ ޓެލެތޯންއަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުހުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ގޮވާލި ކޮންމެ ފަހަރަކު ދިވެހިން އެހީވާނެކަން މި ކަމުން ސާބިތުވެއްޖެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ލަންކާއަށް ބޮޑު އެހީތެރިކަމެއްދިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެމަނިކުފާނު ސާބިތުކޮށްދެއްވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، އަވަށްޓެރިންނަށް ދިމާވާ ކަންކަމުގައި ފުރަތަމައަށް އެހީވާނެ އެއް ގައުމަކީ ރާއްޖެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ޓީވީ ޓެލެތޯންގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ގައުމަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ޓެލެތޯނަށް ލިބުނު ފައިސާ މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ލަންކާގެ ސަރުކާރާ ޙަވާލުކުރެވޭނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




