ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާޒީ ފާއިޒު ވަކިކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު މަގާމުން ވަކިކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ރިޔާސަތުން ވަނީ، އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ގާޒީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ގާޒީ ފާއިޒު ރަޝާދު އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ގާޒީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ އަމަލެއް ގާޒީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.
ގާޒީ ފާއިޒުގެ އަމުރަށް ބަންދުން ދޫކޮށްލި އަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު އާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނެވެ.
މިކަމާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ، ސަސްޕެންޑްވެސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޤާޟީ ފާއިޒާއި ގުޅޭގޮތުން ހުށައެޅުނު 2 ވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު ޢަމަލުކުރި ގޮތާއި މެދު ހުށަހެޅި މައްސަލައެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




