ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.
މިބިލު މަޖިލީހުން ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވެސް ތާއީދާއެކުއެވެ.
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖަނަމަ އެ ދައުރެއްގައި އަދި ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ ޢިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނު އޮތްގޮތުން ޢިނާޔަތް މެދުކަނޑާލަން ޖެހޭނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ޢިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޢިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ. އަދި މި ދެ ބަދަލާއެކު ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ ހުށަހަޅުއްވާފައެވެ.
އެ އެސްޓިމޭޓްގައިވާގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް ޢިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 360،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ހަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ކުރިން ބިލުގައި ނައިބު ރައީސުންނަށް މަހަކު 25،000 ރުފިޔާގެ ޢިނާޔަތެއް ދޭން ހިމެނި ނަމަވެސް، ކޮމިޓީން ވަނީ އެ އަދަދު 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުން ޢިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުސޫލުން ބަލާނަމަ މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސް މިބިލް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


