ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިލާނެ މީހުން ހޮވަން ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 27ގައި ބާއްވާގޮތަށް ނިންމައި، ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިކަމުގެ މައުލޫމަތު ހިއްސާކުރަން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާދަމާ ހުޅުވާލައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނީ މި ފެށޭ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ.
ފަލާހު ވިދާޅުވީ، މި ޕްރައިމަރީއަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ވާނެ ކަމަށާއި، މި ޕްރައިމަރީގައި ބައިވެރިވާން މިހާރުވެސް ވަރަށް ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން 14،00އަށްވުރެ ގިނަ މީހުން ޕީއެންސީގެ ކައުންސިލް ޓިކެޓަށް ޝައުގުވެރިކަން މިހާރު ވެސް ފާޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޕްރައިމަރީއަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށް ކަމަށާއި ޕްރައިމަރީއަށް ހުޅުވާލާފައިވާ މުއްދަތުގައި ޕާޓީއަށް އަލަށް ގުޅޭ މީހުންނަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ، ފަލާހު އިތުރަށް ވިދާޅުވީ މި އިންތިހާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ އިންސާފުވެރިގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، މިފަހަރުގެ ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް ކަމަށެެވެ. އެހެންކަމުން، މިފަހަރު މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތަކެއް ނުބަހައްޓާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




