ދަތުރުފަތުރުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރަސާކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ވީމާ، އެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ޑިސެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް ވަނީ އެދިފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު، މުޙައްމަދު ޝާމިން ޙަބީބެވެ.
މި ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތައް، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޝަރުތުތަކާއި މިންގަޑުތައް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި މިންގަނޑުތައް، އެއްގަމު އުޅަނދު ދުއްވުން ފިޔަވައި އުޅަނދު މަޑުކުރުމާއި، ޕާކުކުރުމާއި އެނޫންވެސް އުޅަނދު ބޭނުންކުރުމުގެ ހަމަތައް މި ބިލުއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ޝަރުތުތަކާއި މިންގަނޑުތައް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވާ ބާރުތަކުގެ އިތުރުން ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ފިޔަވަޅު އެޅުމުގެ އުސޫލު ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


