ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިމަހުގެ 27 ވަނަ ދުވަހު ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ ވަފުދަކުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތައިލެންޑުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނެނީ އެގައުމުގެ ޚާރިޖީ ވުޒާރާގެ ބޭފުޅުންނާއި، ޑިޕާޓްމަންޓު އޮފް ފިޒިކަލް އެޑިއޭޝަންގެ އިސްފަރާތްތަކުގެ އިތުރުން، ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީ އަދި ތައިލެންޑްގެ ކުޅިވަރު އޮތޯރިޓީގެ ބޭފުޅުންނެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ރާއްޖެއާއި ތައިލެންޑާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މިދާއިރާއިން މީހުން ތަމްރީނުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭއިރު، ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށް މިއެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގެ ތެރެއިން ރާއްޖެ އާއި ތައިލެންޑް ސަރުކާރާ ދެމެދު ކުޅިވަރު ދާއިރާއިން ޚިޔާލާއި މަޝްވަރާތައްވަނީ ބަދަލުކުރެވިފައިވާ ކަމަށާއި، މި ރަސްމިއްޔާތުގައި އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރުވަނީ 33 ވަނަ ސީ ގޭމްސް އަދި 13 ވަނަ އާސިއާން ޕެރެ ގޭމްސް އެގައުމުގައި ބާއްވާނެކަން ފާހަގަކުރައްވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިގޮތުން އެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަން (އާސިއާން)ގައި ހިމެނޭ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާކުރުންކަމަށެވެ. އަދި ތައިލެންޑާއި ރާއްޖެއާއި ދެމެދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




