ރާއްޖޭގެ ޕޯޓުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަވެއިލެންސްގެ މަސައްކަތަށް 82 ފޫޓުގެ ޕެޓްރޯލް ކަނޑު އުޅަނދެއް ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހަދިޔާކޮށްފިއެވެ.
މި އުޅަނދު ރަސްމީކޮށް ޙަވާލުކޮށްދެއްވީ، ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، ހޯމް މިނިސްޓަރު ޢަލީ އިހުސާނެވެ.
މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ސަވެއިލެންސްގެ މަސައްކަތަށް ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް"ގެ ދަށުން ހަދިޔާ ކުރި އުޅަނދެކެވެ.
މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑްއާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ދިވެހިރާއްޖޭގައި ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ބައިވެރިވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް