ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އާންމުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރެވޭނެ ކަމަށާއި އެ ސުވާލުތައް ދުރާލާ އެއްވެސް މީހަކާ ހިއްސާކުރަން ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ." ހީނާގެ ޕޯސްޓުގައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




