ނ.މާފަރު ސިއްހީ މަރުކަޒުގެ ހިދުމަތް ރަސްމީކޮށް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.
މ. މާފަރުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމަށާއި، މަރުކަޒުގެ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މާފަރުގެ ސިއްހީ މަރުކަޒުން މީގެ ކުރިން ހިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ސަރުކާރުން ގެންނެވި ބަދަލާއެކު، މާފަރުގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ސިއްހީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.
މާފަރު ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އައު އިމާރާތުގައި ގާއިމުކުރެވޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ (ލެބް) އަދި އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ. މި ހިދުމަތްތައް ގާއިމުވުމުން، މާފަރުގެ ރައްޔިތުންނަށް ފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ސިއްޙީ ހިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް