ސަރުކާރުގެ ވިސްނުމަކީ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްޤީކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް އިމާރާތް ބާވެ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ 11000 އަކަފޫޓުގެ އެބިން ތަރައްޤީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންގއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްޤީކުރުމަށްކަމަށެވެ. އެހެންނަމަވެސް އެސަރަޙައްދުގައި އެހެންގޮތަކަށް އެކަންކުރުމަށް މައްޗަންގޮޅީގެ ރައްޔިތުންގެ ޚިޔާލު ހުށައެޅުއްވުމުގެ ފުރުސަތު އެމަނިކުފާނު ވަނީ ހުޅުއްވާލައްވާފައެވެ.
"ދެބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން. މިކަމުގައި ތިބޭފުޅުންގެ ޚިޔާލުދެއްވުން އެދެން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




