ނޫން އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިޞްލާޙް ކުރުމަށް މިއަދު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިގޮތުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔަރ އެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ޚަރަދު ކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެތްއޮތްކަމެއް ނޫން ކަމުގައި ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ އަދުގެ ސަރުކާރުން 2023 ވަނަ އަހަރު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އުފައްދާފައިވާތީ އާއި، އެ ވުޒާރާއިން ޒިންމާދާރުކަމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށު ކައުންސިލްތަކުގެ، ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށް ނެތް ކަމަށެވެ.
"އެހެންކަމުން ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާތަކުން އުނި ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ އެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވެގެންދިޔައީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ކަމުގައި ވާތީ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ނުހަނު އިޙްލާޞްތެރި މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރަން. ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އަޅުގަނޑާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަޤީންކަން ދެން"، ޤާސިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ވީހާވެސް އަވަހަށް ތަޞްދީޤުކުރައްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"މި ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، ޤާސިމް ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




