ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޢަބްދުﷲ މަޙްޒޫމް މާޖިދާއި ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
1 މޭ 2025 ދުވަހު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރޭގައި ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، މަޙްޒޫމްގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އަދި ޝިމަންގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ޖޫން 25 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މި ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި ހާދިސާ ތަޙުޤީޤު ކުރުމަށް ޚާއްޞަ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ.
އެ ކޮމިޝަނުން ވަނީ ތަޙުޤީޤު ފުރިހަމަކޮށް ތަޙުޤީޤު ރިޕޯޓުވެސް ޝާއިޢުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




