ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާއިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާ ކަމަށް، 13 ނޮވެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ތައްޔާރުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ. 11.5 އިންސައްތަ އިތުރުވެ 13.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
މީގެ ތެރެއިން މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖަސް/ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު 34.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ކުރީ އަހަރުގެ 39.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައި ގެ ދަށްވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިއަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ. މިގޮތުން، ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުމެވެ. މީގެ އިތުރުން ފައިނޭންސިންގ އަދި އިންޓަރެސްޓްގެ ޚަރަދުތައް 5.7 އިންސައްތަ ދަށްވެ 4.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ވޭތުވެދިޔަ ހަފްތާގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ސަބްސިޑީތަކަށް ކުރާ ޚަރަދުތަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




