ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުޞަތު ފަހިވެގެން ދިޔުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެކަމާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކެއް ކަމަށެވެ.
މީގެ އިތުރުން އެކަމާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާ ކަމަށެވެ. އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ އެމް.ޕީ.އެލް.ގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ، އިފްތިތާހްކުރުން އޮތެވެ. މި ފީޗަރ އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ.
މީގެއިތުރުން އެމް.ޕީ.އެލުން ވަނީ މެޑަމް ސާޖިދާ މި ފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ، އެކަމަނާއަށް އަރުވާފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑީ.ސީ.ޕީ. (ރޓ) މުޙައްމަދު ރިޝްވާނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




