ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ އަދި އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




