ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ، ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭ.އޯ.ސީ.ވީ) ގެ ވޮލަންޓިއަރުންނާ ބައްދަލުކުރައްވައިފިއެވެ.
މުލީއާގޭގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ޖޭ.އޯ.ސީ.ވީ ގެ ވޮލަންޓިއަރުންނާއެކު، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަދި ޖައިކާގެ ޑައިރެކްޓަރ، ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް އޮފީހުން ހާމަކުރާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ޖޭ.އޯ.ސީ.ވީ ގެ ވޮލަންޓިއަރުން ވަނީ އެކި ރަށްރަށުގައި ކުރެއްވި މަސައްކަތްތަކާއި، ސްކޫލްތަކުގައި ކިޔަވައިދެއްވުމާއި، މުޖުތަމަޢުތަކާ ގާތުން ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ތަޖުރިބާތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ހެންޑްބޯލް، ބޭސްބޯލް، އަދި އެތުލެޓިކްސް ފަދަ ޞިއްޙީ އަދި ޖިސްމާނީ ތަޢުލީމުގެ ދާއިރާއިން ފޯރުކޮށްދެއްވި ތަޖުރިބާތަކުގެ މައްޗަށް އެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
ޖޭ.އޯ.ސީ.ވީ ގެ ވޮލަންޓިއަރުންނަކީ މިއުޒިކުގެ އިތުރުން އަތްތެރި މަސައްކަތާއި ކެއްކުން ފަދަ ވޮކޭޝަނަލް ހުނަރުތައް ދަސްކޮށްދެއްވާ، ޘަޤާފީ ތަޖުރިބާތައް ޙިއްޞާކުރެއްވުމުގެ އިތުރުން، ރަށްރަށުގެ ގާބިލިއްޔަތު އިތުރުކުރެއްވުމުގައި ޢަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ބައެކެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުންގެންދަވާ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަމަނާ ވަނީ ޖޭ.އޯ.ސީ.ވީގެ ޚިދުމަތްތެރިކަމުގެ އަގުވަޒަން ކުރައްވައި، އެ ޚިދުމަތްތަކުގެ ސަބަބުން މުޖުތަމަޢުތަކަށް މާނަހުރި ފައިދާތަކެއް ގެނެސްދެވި، ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަމުގައި ފާހަގަކުރައްވާފައެވެ.
1982 ވަނަ އަހަރުން ފެށިގެން، ޖޭ.އޯ.ސީ.ވީގެ ޚިދުމަތްތައް ދިވެހިރާއްޖެއަށް ލިބެމުންދާއިރު، މުޅި ރާއްޖޭގައި 350 އަށް ވުރެ ގިނަ ވޮލަންޓިއަރުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




