ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ދަށުން 7،500 ފްލެޓް ދޫކުރާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


