މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއި އެކު، ބަސް ސޮޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމަށް، މާލެ ސީޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުޙައިމިން ނަސީރެވެ. އަދި އެމް.އައި.ބީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ޒުލާލް ޒައީމެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން މާލޭގެ މީހުން ގިނައިން އެއްވެ އުޅޭ މުހިއްމު ހަތަރު ސަރަހެއްދެއް ކަމަށްވާ މަޖީދީމަގު، މާފަންނު މައިޒާނާއި، އަމީނީމަގުގައި ހުންނަ ސިނަމާލެ 3އާއި، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދުގައި، މި ޢިމާރާތްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޢާންމު ބޭނުންތަކަށް ތަރައްޤީ ކުރެވޭ ވަސީލަތައް ޤާއިމްކުރުމުގެ މި މަޝްރޫޢުގެ ޖުމުލަ ޚަރަދު، އެމް.އައި.ބީން ކުރުމަށް އެއްބަސްވެފައިވާއިރު، މި އިންތިޒާމް ބައްޓަންކުރެވިފައިވަނީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، ބަސް ސްޓޮޕް ޢިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، ޢިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ އަކީ އެމް.އައި.ބީ ގެ ޒިންމާއެއް ކަމުގައި މި އެއްބަސްވުމުގައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، ޢިމާރާތްކުރެވިފައިވާ ޢިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އަދި އެ ތަން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ މި އިމާރާތްތައް ތަރައްޤީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަޙައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެގޮތަކަށް ތަން ފަރުމާކުރުމަށް ކަމަށާއި، މިއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާސިލުވެވޭ ބަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒަރީޢާއިން އާންމު މަޞްލަޙަތަށް އިސްކަންދީގެން ޚިދުމަތްކުރުމުގެ މަޤްޞަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




