މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ. ހަމްދީ އަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ކުރީގެ ރައީސްއެވެ.
އެމްއެމްބީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ ކޮމިޝަނުގެ އެސްޖީ ކަމަށް ހަމްދީ އައްޔަންކުރިކަން އިއުލާންކޮށްފަ އެވެ.

ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވި ހަތަރު މެމްބަރުންނެވެ. އެ ހުރިހާ މެމްބަރުން ވެސް މިހާރު ވަނީ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ.
އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު އެމްއެމްބީސީގެ އެސްޖީއަށް މަހަކު 35،500ރ. ގެ މުސާރައެއް ލިބޭނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




