ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ޑޭވިޑް ޕައިން، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ނިއުޒީލެންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، އެކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، ދެޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އަދި ރާއްޖެއާއި ނިއުޒީލެންޑަކީވެސް ކުދި ޖަޒީރާ ޤައުމުތަކެއްގެ ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ޤައުމުތައް ކަމުގައި ބައްދަލުވުމުގައި ދެ ފަރާތުން ފާހަގަކުރެއްވި ކަމަށެވެ. މިހެންކަމުން، މި ދާއިރާއިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމަށް ވަޒީރާއި ހައި ކޮމިޝަނަރު އަލިއަޅުއްވައިލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




