ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހެލްތު އެކްސްޕޯ 2025 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ދާއިރާއިން ބޭނުންވާ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްވަރަށް، ޞިއްޙީގޮތުން ބޭނުންވާ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކާ ޞިއްޙީގޮތުން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ދިވެހި ރައްޔިތުން، ދިވެހި މުޖުތަމަޢު ބަލިމަޑުކަމުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމަޢުއެއް ދިވެހި މުޖުތަމަޢުގައި ޤާއިމުކުރުން. އެއީ ރައީސް ޑރ. މުޢިއްޒުގެ ހެލްތުގެ ސިޔާސަތުގެ މައިގަނޑު އަސާސަކީ. އެކަން ޙާސިލުކުރުމަށްޓަކާ އަޅުގަނޑުމެން މިފަދަ ގިނަ ކަންކަން ރާވައިގެން ކުރިއަށް މިގެންދަނީ. ތަކުރާރުކޮށް ރައީސް އިރުޝާދު ދެއްވަނީ މިކަމުގެ މުހިންމުކަން ތަފާތު އެކިގޮތްގޮތަށް ރައްޔިތުންނަށް ހާމަކޮށްދެއްވަން"، ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޡިމް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތައް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވަފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




