ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް، 2024 އިން ފެށިގެން މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 11.61 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. މި ހިދުމަތް މިހާރު އައިޖީއެމްއެޗްގައި ވަނީ ފަށާފައެވެ.
ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




