ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެ މަނިކުފާނު މިއަދު ބައްލަވާލައްވައިފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ.
މީގެ ތެރެއިން 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވާއިރު، ސައިޓް-ޖޭގެ މަސައްކަތް މިހާރު ވަނީ ހިއްކާ ނިންމާފައެވެ. ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމަވާފައެވެ.
އެޗްޑީސީން ބުނިގޮތުގައި ރަސްމާލެ އިން މިހާތަނަށް ހިއްކާފައި ވަނީ 182.85 ހެކްޓަރުގެ ސަރަހައްދެކެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކަށްވާއިރު، ރައީސް ވަނީ ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2023 ގަ އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ހަދާ ރަސްމާލެ އަށް 1،153 ހެކްޓަރުގެ ބިން ހިއްކާނެކަން އެ މަޝްރޫއު ފެށި އިރު ސަރުކާރުން އިއުލާނުކުރި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




