"ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމަށާއި، ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިދިނުމެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާރކެޓިންގް، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސަރވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ދިރާގުން ވިދާޅުވެއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.
މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އަދި މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލާމު އަތޮޅު އަދި ގާފު އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްޤީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިންކު މެދުވެރިކޮށް މި މަހުގެ 30ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށް ދިރާގުން ބުންޏެވެ.
2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަޑް ޖުމްލަ 288 ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދީފައިވެއެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން އިދާރާތަކުގައިވެސް ވަޒީފާތައް އަދާކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




