ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ދޮރާއަށި ކަމަށާއި، ރާއްޖޭގެ ކުދިބޮޑު ހުރިހާ ވިޔަފާރިވެރިނަށް އިންވެސްޓްމަންޓުތައް ހިންގަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުޚައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫގައި މިރޭ ބޭއްވި ހާއްސަ ރަސްމިޔާތެއްގައި މި އެއަރޕޯޓު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ކުރެއްވި އެންމެ ބޮޑު ސުވާލަކީ އެ އެއަރޕޯޓަށް ހަދާނެ ގޮތަކާމެދު ކަމަށެވެ. އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ އިތުރަށް، ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމުގެ ވައުދު އޭރު ވެފައިވާނެ ކަމަށާއި އެ ވައުދު މިއަދު ފުދިގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުން، މިދިޔަ ރައީސް އިބްރާހިމް މުޚައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި އެ އެއަރޯޕޯޓުގެ މަޝްރޫއުގައި، އެމަނިކުފާނު ވެރިިކަމާ ހަވާލުވިއިރު ނިމިފައިއޮތީ ގާތްގަނޑަކަށް %30 އެވެ. ވެރިކަމާ ހަވާލުވުމަށްފަހު، ތިން އަހަރު ދުވަސްތެރޭ %70 މަސައްކަތް ނިންމާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހާ އަވަހަށް އެމަސައްކަތް ނިންމުމުގެ ބޭނުމަކީވެސް އަވަސް މިނެއްގައި އިގްތިސާދީ ފަހި ފުރުސަތުތަކަކާއި އިންވެސްޓްމަންޓުތައް ހޯދައިދީ އާންމުދަނީގެ ފުރުސަތުތައް އިތުރުކޮށްދިނުން އަވަސްކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، އެއަރޕޯޓާއެކު ހުޅުވިގެންދާ އެ ދޮރާއަށްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ވަރަށް ހަލުވިމިނުގައި ހާސިލުކުރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. ހަނިމާދޫ އާއި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު ވަރަށް ފުޅާމިނެއްގައި ބަލައިގަނެ ބޭނުންހިފަން ފަށަން ރައީސް އެދިލެއްވި އެވެ.
"މި ފުރުސަތުތަކަށް ހުޅުވިގެންދާ ދޮރާއަށި، އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި ރާއްޖޭގެ ކުދިބޮޑު ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން. މިސަރަަހައްދަށް އިންވެސްޓްކުރައްވަން. މި ފުރުސަތުގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ ވަރަށް ފުޅާ ރަނުގެ ފުރުސަތެއް. ސަރުކާރުން މިއޮތީ ތައްޔާރަށް ކަންކަން ފަހިކޮށްދެވޭނެ ހުރިހާ ކަމެއް ފަހިކޮށްދެން،" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫއަކީ، އިންޓަގްރޭޓެޑް ޑިވިލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅި އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް ރަށް ކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ އެ ސިޔާސަތު ހަގީގަަތަކަށް ހެދުމަށް މި އެއަރޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. މި އެއަރޕޯޓާއެކު އެ އަތޮޅުގެ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




