"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ގދ.ތިނަދޫ ސިޓީގައި މިއަދު ހުޅުވައިފި އެވެ.
ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އާންމުކޮށް ހުޅުވާލައިގެން މި މައުރަޒު ހުޅުވާފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގަ އެވެ. މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، ރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އެގޮތުން:
- މިއަދު މި މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 4 އިން 6 އަށް އަދި، ރޭގަނޑު 8 އިން 10 އަށް
- މާދަމާ މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9އިން މެންދުރު 12 އަށް
- އަދި، މެންދުރުފަހު 2 އިން 6 އަށް
- މީގެ އިތުރުން ރޭގަނޑު 8 އިން 10 ޖެހުމާ ހަމަޔަށް
މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް) ބައިވެރިވެވަޑައިގަތެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، ކައުންސިލް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު ބައިވެރިވެވަޑައިގަތެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފާއި، އެ ސްކޫލުގެ އިސްބޭފުޅުންނާއި، ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ވެސް މި ރަސްމިޔާތުގައި ބައިވެރިވި އެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، މާދަމާ ހަަވީރު 4 ޖަހާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




