ކޮޅުވެއްޓި އާއި ޓަގު އަދި ބާޖު ފަހަރު ދުއްވަނީ އެކަމުގެ ތަޖުރިބާ އާއި ސަނަދު ނެތް މީހުންކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ދަނގަޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގައި އެ ބޯޓު ދުއްވި ކައްޕީގެ ބޮޑެތި އިހުމާލުތަކެއް އޮތްކަން ހާމަވެފައިވަނިކޮށް، ޓްރާންސްޕޯޓު މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.
"މި މިނިސްޓްރީން ބެލި ބެލުމުން ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ވަނީ ފާހަގަ ކުރެވިފަ އެވެ،"
އެ އިއުލާންގައި ވަނީ، ދަގަނޑު ނުވަތަ މައުދަނުން ބަދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވެނީ ވަކި ޝަރުތުތަކެއް ހަމަވާ ކެޕްޓަނުންކަން 'ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު' ގައި ކަނޑައަޅާފައިވާކަން ހަނދާންކޮށްދީފަ އެވެ.\
އެގޮތުން ބުނީ:
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށް
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށް
"ވީމާ ދަންނަވަމެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ މި ސައިޒު ތަކުގެ އުޅަނދުފަހަރުގައި މި ދެންނެވި ކެޕޭސިޓީގެ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" އިއުލާންގައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބަންޑުންޖަހާލި ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދެ އެކްސްކަވޭޓަރު ބަރުކުރަން އުޅުމުގެ ތެރޭގަ އެވެ. 14 ވަރަކަށް މީހުން ތިބި އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ހަ ވަރަކަށް މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދީފައިވެ އެވެ. އޭގެ ތެރެއިން އެމްޕީއެލްގެ ދިވެހި އަދި ބިދޭސީ މުވައްޒަފަކު ވަނީ މަރު ވެސް ވެފަ އެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގަށްފަހު މިއަދު ނެރުނު ބަޔާނުގައި ވަނީ، ދެ އެކްސްކަވޭޓަރު އަރުވަން މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓީގެ ކައްޕީގެ ބޮޑެތި އިހުމާލުތަކެއް އޮތްކަން ފާހަގަކޮށްފަ އެވެ. އެމްޕީއެލްއިން ބުނީ، އެ ކައްޕިއަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމުގެ އިރުޝާދު ދިނުމަށް ގާބިލުކަން ލިބިފައިވާ މީހެއް ނޫން ކަމާއި އޭނާގެ އަތުގައި އެކަމުގެ ސެޓިފިކެޓު އަދި ކައްޕިކަމުގެ ސެޓިފިކެޓު ވެސް ނެތް ކަމަށެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ހުރީ ގަވާއިދާ އެއްގޮތަށް ނަމަވެސް، އޭގެ ސްޓެބިލިޓީ ގެއްލިދާނެ ކަންކަން ހުއްޓެވެ. އެގޮތުން، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މުދާ ކަހާލުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ބުންޏެވެ.
މީގެ އިތުރުން، ކޮޅުވެއްޓި ކަހާލަން މެދުވެރިވި މައިގަނޑު ސަބަބަކީ، ކައްޕީގެ އިރުޝާދަށް އެކްސްކެވޭޓަރުތައް ބަހައްޓައި އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓުން ނަގައި މަސައްކަތް ނިންމާލި ފަހުން، ކައްޕިގެ އެދުމުގެ މަތިން އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓު ފަރާތަށް ޖެއްސުމާ ގުޅިގެން، ބޯޓުގެ ސްޓެބިލިޓީ ގެއްލިގެން ކަމަށް ބުންޏެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާގުޅޭ ލިއުންތައް
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު މަރުވެއްޖެ
ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކައްޕި އަތުގައި ލައިސެންސެއް ނެތް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




