އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުންއެކުލަވާލައިފައިވާ އައު ފައިނޭންސިންގ ސްކީމަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިޤުތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައްކުރިއެރުވުމެވެ. މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް އެސްޑީއެފްސީއިން ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.
އެސްޑީއެފްސީން ހާމަކޮށްފައިވާ ގޮތުގައި މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. މިފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ފީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މިފައިނޭންސިންގ ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު %9.5 އެވެ. މި ފުރުސަތުގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމާއި، ކުރިއެރުވުމަށާއި، އަދިގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމާއި ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއްކަމުގައެވެ. އަދި މި ސްކީމުގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެކަމަށާއި އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަޑިތައް ހާސިލުކޮށް ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭކަމުގައި ވެސް ބަދުރުއްދީން ޙަސަން ވަނީ ވިދާޅުވެފައެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.
އަލަށް މި ހުޅުވާލެވުނު ސްކީމްގެ އިތުރުން، އެސްޑިއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑްޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




