ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް އާއި ޤަޠަރުގެ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ސުލްޠާން ބިން ސާދު ބިން ސުލްޠާންއާއެކު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރު ޚަލީލް ވަނީ ރާއްޖޭއަށް ޤަތަރުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރައްވާފަ އެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވި އެވެ.
އެގޮތުން، ރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ވިޔަފާރީ ގުޅުންތައް ގާއިމުކުރުމަށް މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން، މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ރާއްޖެއާއި ޤަޠަރާއި ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހާމަކުރައްވާފަ އެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައިި މި ބައްދަލުވުމަކީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީގުޅުން ރަމްޒުކޮށްދޭ، އަދި ގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




