މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރެއްވުމަށް ނަސަންދުރާ ބާސެލޯސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވަން މިއަދު ސޮއިކުރެއްވި މި ތާރީޚީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކާއި މިދިޔަ ދެ ދުވަހުގައި ސޮއިކުރެއްވި މަޝްރޫޢުތަކާއި އެކު ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކުރައްވާފައެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ސޮއިކުރައްވާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންގޮސް، ޚާއްޞަ ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މަސައްކަތް ޙަވާލުކުރެއްވި ހުރިހާ ކުންފުންޏަކީ، އިތުބާރު އޮތް ކުންފުނިތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ކުންފުނިތަކުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި މަސައްކަތް ކުރަން ތަކެތި މޮބިލައިޒްކުރައްވަން ފައްޓަވާނެ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާކަމަށާއި މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖަހައި، ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނާ ހަވާލުވިއިރު، ފުން އަދަވަޅަކަށް ވައްޓާލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށްޖަހައި، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުތަކުގެ ތެރެއިން އެންމެން ވެގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މި ސޮއިކުރުމާހަމައަށްވެސް މިއާދެވުނީ ހަގީގަތުގައި. އެއީ އިގްތިސާދުގައި މި ބުންވަރު ނެތްނަމަ މި ދުވަހެއް ނާންނާނެ. އިގްތިސާދާމެދުގައި ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ މި ދުވަހެއް ނާންނާނެ،" ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ކުންފުނިތަކާއި މަޝްރުޢޫތައް ޙަވާލުކުރައްވާފައިވަނީ، ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ތެރެއިން އަންނަ ލަސްތަކެއް، މިއަދު ސޮއިކުރެވުނު އެއްވެސް މަޝްރޫޢުތަކުގައި ނާންނާނެކަމުގެ ޔަޤީންކަންދެއްވާ، ކުންފުނިތަކުން މަސައްކަތްނިންމާ ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މިކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން ކުންފުނިތަކަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ދެއްވާފައެވެ.
ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫއުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބުމުން އެ މަޝްރޫއުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން ލޮޖިސްޓިކް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން މިހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިގްތިސާދު ވަރަށް ބިޒީ ވެގެންދާނެ. އޭގެ ސަބަބުން ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތަފާތު ނުވަ ދާއިރާއާއި ގުޅޭ މަޝްރޫޢުތަކެވެ. އޭގެ ތެރޭގައި ތަޢުލީމް، ޞިއްޙަތު، ތިމާވެށި، މަސްވެރިކަން، ކުޅިވަރު، ގެދޮރުވެރިކަން، ދީނީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން ޒުވާނުންނާއި ގުޅޭ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރެއްވުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އެމަނިކުފާނު އެކި ފަހަރުމަތިން ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް ގެންދަވާ މަޝްރޫއުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ގެދޮރުވެރިކަމާއި ގުޅޭ މަޝްރޫޢުތަކެއް މާލޭ ސަރަހައްދުގައިވެސް ފެށުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާކަން ހާމަކުރައްވާ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ފުރިހަމަވެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަންދެއްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




