ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްޤީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައެވެ.
ރައީސް ރޭ ބައްދަލުކުރެއްވީ އައްޑޫގެ ގުޅިފައިވާ4 ރަށުގެ ރައްޔިތުންނާއެވެ. އެއީ މަރަދަޫ، މަރަދޫފޭދޫ، ހިތަދޫ އަދި ފޭދޫއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އަދި ރައްޔިތަކު ބޭނުންވެގެން ދިރިއުޅޭ ކޮންމެ ތަނެއްގައި، އެ ރައްޔިތަކަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަމީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައ ިވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަށާޖެހޭ ދާއިމީ ޙައްލެއް މިކަމަށް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަޤީންކަން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދެން އެންމެ ބޮޑުވެފައި އޮތީ އިންފްރާސްޓްރަކްޗަރ ނުވަތަ މަގުހެދުމުގެ މައްސަލަކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަށް ޙައްލެއް ނުލިބި އޮތުމުގެ ސަބަބުން އިޤްތިޞާދަށްވެސް ހުރަސްތަކެއް ކުރިމަތިވާކަމުގައެވެ. މަގުތައް ހެދުމަކީ ވުނޭރުންނާއި އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާ، ވަޢުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މަގު ހެދުމުގެ މަޝްރޫޢު ނިންމަވާނީ، މަރުހަލާތަކަށް ބައިނުކުރައްވައި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙަތާއި، އުމްރާނީ ތަރައްޤީ، ދީނީ ވަޙުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، މަޝްރޫޢުތަކާ ގުޅުންހުރި އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




